Divehi Quran

84|1|އުޑުފަޅަފަޅައިގެންދާ ހިނދެވެ.
84|2|އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ.
84|3|އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ.
84|4|އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ.
84|5|އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ.
84|6|އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ.
84|7|ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ!
84|8|ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ.
84|9|އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ.
84|10|އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ.
84|11|ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ!
84|12|އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ.
84|13|ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.
84|14|ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ.
84|15|އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ.
84|16|ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ.
84|17|އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ.
84|18|އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ.
84|19|ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ.
84|20|އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
84|21|އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ.
84|22|އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ.
84|23|އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ.
84|24|ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ!
84|25|إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ.

Pages ( 84 of 114 ): « Previous1 ... 8283 84 8586 ... 114Next »