Divehi Quran

77|1|ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
77|2|އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
77|3|އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
77|4|حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި،
77|5|އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ.
77|6|عذ ر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ.
77|7|ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ.
77|8|ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ.
77|9|އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ.
77|10|އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ.
77|11|އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ.
77|12|އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
77|13|ނިޔާކުރައްވާ ދުވަހަށެވެ.
77|14|އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
77|15|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
77|16|ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
77|17|ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ.
77|18|ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ.
77|19|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
77|20|ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
77|21|ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ.
77|22|އެނގިގެންވާ މުއްދަތަކަށެވެ.
77|23|ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ!
77|24|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
77|25|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
77|26|ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
77|27|އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ.
77|28|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
77|29|(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ!
77|30|ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ!
77|31|(އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ.
77|32|ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ.
77|33|އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ.
77|34|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
77|35|މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ.
77|36|އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ.
77|37|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
77|38|(وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ.
77|39|ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ!
77|40|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
77|41|ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ.
77|42|އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ.
77|43|(އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!
77|44|إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ.
77|45|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
77|46|(ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ.
77|47|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ.
77|48|ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ.
77|49|ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ.
77|50|ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟

Pages ( 77 of 114 ): « Previous1 ... 7576 77 7879 ... 114Next »