Divehi Quran

75|1|قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ.
75|2|އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ.)
75|3|އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟
75|4|އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ.
75|5|އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ.
75|6|އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
75|7|ފަހެ، ލޯތަކަށް حيران ކަންލިބި، ތަރަތަރަލާހިނދެވެ.
75|8|އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ.
75|9|އަދި އިރާއި، ހަނދު އެއްތަންކުރައްވާހިނދެވެ.
75|10|އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟
75|11|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ.
75|12|އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
75|13|އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ.
75|14|އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ.
75|15|އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ.
75|16|އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ!
75|17|ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ.
75|18|ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ!
75|19|ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ.
75|20|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ.
75|21|އަދި ތިޔަބައިމީހުން آخرة ދޫކޮށްލަމުއެވެ.
75|22|އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ.
75|23|އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ.
75|24|އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ.
75|25|މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ.
75|26|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ.
75|27|އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
75|28|އަދި އެއީ ވަކިވުން ކަމުގައި يقين ކޮށްފި ހިނދެވެ.
75|29|އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ.
75|30|އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.
75|31|ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ.
75|32|އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ.
75|33|ދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ.
75|34|ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
75|35|ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ.
75|36|ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟
75|37|އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
75|38|ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ.
75|39|ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.
75|40|އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟

Pages ( 75 of 114 ): « Previous1 ... 7374 75 7677 ... 114Next »