Divehi Quran

78|1|އެއުރެން އެކަކު އަނެކަކާ سؤال ކޮށް އުޅެނީ، ކޮންކަމަކާ މެދުގައި ހެއްޔެވެ؟
78|2|ބޮޑުވެގެންވާ خبر އާ މެދުގައެވެ.
78|3|އެ خبر އަކީ، އެއުރެން އެއާމެދު خلاف ވެގެންވާ خبر އެވެ.
78|4|ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
78|5|ދެންވެސް ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
78|6|ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟
78|7|އަދި (ބިން ހިފެހެއްޓުމަށްވާ) ކަޑަތަކެއް ކަމުގައި، ތިމަންރަސްކަލާނގެ ފަރުބަދަތައް ނުލައްވަންހެއްޔެވެ؟
78|8|އަދި (ދެ جنس ން) ޖޯޑުޖޯޑަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީމެވެ.
78|9|އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ނިދި، އަރާމެއް ކަމުގައި ލެއްވީމެވެ.
78|10|އަދި ފޭރާމެއް ކަމުގައި، ތިމަންރަސްކަލާނގެ ރޭގަނޑު ލެއްވީމެވެ.
78|11|އަދި ދިރިއުޅުމަށް މަސައްކަތްކުރުމުގެ ވަގުތެއް ކަމުގައި، ތިމަންރަސްކަލާނގެ ދުވާލު ލެއްވީމެވެ.
78|12|ގަދަފަދަވެގެންވާ ހަތް އުޑު ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތީގައި ބިނާކުރެއްވީމެވެ.
78|13|އަދި އަލިކަންގަދަ ވޮށެއް (އެބަހީ: އިރު) ތިމަންރަސްކަލާނގެ ލެއްވީމެވެ.
78|14|އަދި ވާރޭވިލާތަކުގެ ތެރެއިން އޮހިގެންއަންނަ ފެން، ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.
78|15|އެ ފެނުގެ ސަބަބުން، އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއްވުމަށްޓަކައެވެ.
78|16|އަދި ފަތްތައް ބޯކޮށް ހެދިފައިވާ ބަގީޗާތައް މެއެވެ.
78|17|ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަސް ކަނޑައެޅިގެންވާ ދުވަހެއް ކަމުގައިވިއެވެ.
78|18|ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. ފަހެ، އެދުވަހުން ތިޔަބައިމީހުން (محشر ބިމަށް) ބައިބަޔަށް އަންނާނޫއެވެ.
78|19|އަދި އުޑުތައް ހުޅުއްވާނެތެވެ. ފަހެ، ދޮރޯށިތަކެއް ފަދައިން އެ އުޑުތައް ވާނެތެވެ.
78|20|އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.
78|21|ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ.
78|22|كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ.
78|23|އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ.
78|24|އެތާނގައި ފިނިކަމެއްގެ ރަހަވެސް، އަދި ބުއިމެއްގެ ރަހަވެސް އެއުރެންނަކަށް ނުލިބޭނެތެވެ.
78|25|ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.
78|26|(އެއުރެންގެ عمل ތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.
78|27|ހަމަކަށަވަރުން حساب ބެއްލެވުމަށް ނޭދޭބަޔަކު ކަމުގައި އެއުރެންވޫއެވެ.
78|28|ބޮޑުވެގެންވާ ދޮގުކުރުމަކުން، ތިމަންރަސްކަލާނގެ آية ތައް އެއުރެން ދޮގުކުރޫއެވެ.
78|29|އަދި ކޮންމެ އެއްޗެއް ތިމަންރަސްކަލާނގެ ފޮތެއްގައި ހިމެނުއްވީމެވެ.
78|30|ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި عمل ތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، عذاب މެނުވީ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.
78|31|ހަމަކަށަވަރުން، تقوى ވެރިންނަށް ހުރީ، نصيب ލިބެނިވި ތަނެކެވެ.
78|32|ބަގީޗާތަކާއި، އަދި މޭބިސްކަދުރުތަކެވެ.
78|33|އަދި އެއްފުރާވަރުގެ ޒުވާން އަންހެން ކުދިންނެވެ.
78|34|އަދި ފުރިފައިވާ ރާތަށިތަކެވެ.
78|35|باطل ވާހަކަތަކެއް، އަދި ދޮގެއް އެއުރެން އެތާކު ނާހާނެތެވެ.
78|36|ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ލިބެނިވި ޖަޒާއެއްގެ ގޮތުގައެވެ. ފުދިގެންވާ ދެއްވުމެއްގެ ގޮތުގައެވެ.
78|37|އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރި رحمن ވަންތަ ރަސްކަލާނގެ حضرة ންނެވެ. އެކަލާނގެ حضرة އަށް ބަސްދެންނެވުމަށް އެއުރެންނަކަށް އެއްވެސްބާރެއް ލިބިގެނެއް ނުވެތެވެ.
78|38|جبريل ގެފާނާއި، ملائكة ން ސަފަކަށް قائم ވެ ތިއްބަވާ ދުވަހެވެ. رحمن ވަންތަ ރަސްކަލާނގެ، އެމީހަކަށް إذن ދެއްވައި، حق ތެދުބަހެއް ބުނެފި މީހަކު މެނުވީ، އެކަކަށްވެސް ވާހަކައެއް ނުދެއްކޭނެތެވެ.
78|39|އެއީ ކަށަވަރުވެގެންވާ ދުވަހެވެ. ފަހެ، ބޭނުންމީހަކު އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް رجوع ވުމެއް ހިފައިފާހުށިކަމެވެ!
78|40|ހަމަކަށަވަރުން، ގާތްވެގެންވާ عذاب އެއްގެ ވާހަކައިން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް إنذار ކުރެއްވީމެވެ. (އެއީ) އެމީހެއްގެ ދެއަތުން އިސްކޮށްފައިވާ ކަންތައް، އެމީހާ ދެކޭނޭ ދުވަހެވެ. އަދި كافر ވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ؟

Pages ( 78 of 114 ): « Previous1 ... 7677 78 7980 ... 114Next »