Divehi Quran

15|1|ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ، اللَّه އެވެ.) މިއީ، (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ قرآن ގެ آية ތަކެވެ.
15|2|كافر ވި މީހުން އެއުރެންނީ مسلم ންކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދެތެވެ.
15|3|އެއުރެން ކައިބޮއި، ދުނިޔޭގެ ވަގުތީ އުފާ ލިބިގަތުމަށާއި، ދޮގު އުންމީދުތައް އެއުރެން مشغول ކުރުވުމަށް، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! ފަހެ (އެކަންތަކުގެ ނަތީޖާ) އެއުރެންނަށް ފަހުން އެނގޭހުށްޓެވެ.
15|4|އެ ރަށަކަށް ކަނޑައެޅި އެނގިގެންވާ މުއްދަތެއްވާ حال ގައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަށެއް ހަލާކެއް ނުކުރައްވަމެވެ.
15|5|އެއްވެސް أمّة އަކަށް، އެ أمّة ގެ أجل އިހެއްނުކުރައްވާނެއެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ.
15|6|އެއުރެން ބުނެފޫއެވެ. އޭ قرآن އެބޭކަލެއްގެ މައްޗަށް ބާވައިލެއްވި ކަލޭގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނީ، މޮޔައެއްކަން ކަށަވަރެވެ.
15|7|ކަލޭގެފާނު ތެދުބުނާމީހުންގެ ތެރެއިންވާނަމަ، ތިމަންމެންގެ ގާތަށް ކަލޭގެފާނު ملائكة ން ނުގެންނަވަނީ ކީއްވެގެންތޯއެވެ؟
15|8|حق ބަސްފުޅާއިގެން މެނުވީ، ތިމަންރަސްކަލާނގެ ملائكة ން ބާވައެއް ނުލައްވަމެވެ. އަދި އެ ހިނދު ފަސްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުވެއެވެ.
15|9|ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.
15|10|ހަމަކަށަވަރުން، އިސްވެދިޔަ أمّة ތަކުގެ ތެރެއަށް ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ.
15|11|އަދި އެބޭކަލަކަށް އެއުރެން ފުރައްސާރަ ކުރާކަމުގައި ނުވާ އެއްވެސް رسول އަކު އެއުރެންގެ ގާތަކަށް ވަޑައެއް ނުގަންނަވަތެވެ.
15|12|ކުށްވެރިންގެ ހިތްތަކަށް ތިމަންރަސްކަލާނގެ އެކަން ވައްދަވަނީ އެފަދައިންނެވެ.
15|13|އެއުރެން އެކަލޭގެފާނަކަށް إيمان އެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ.
15|14|އެއުރެން އެކަލޭގެފާނަކަށް إيمان އެއް ނުވާނެތެވެ. އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތް، ފާއިތުވެ ހިނގައްޖެކަން ކަށަވަރެވެ.
15|15|އެއުރެންނަށް ތިމަންރަސްކަލާނގެ އުޑުން ދޮރެއް ހުޅުއްވައިދެއްވައި، އެ ދޮރުން އެއުރެން (އުޑަށް) އަރައަރާތިބި ކަމުގައިވީނަމަވެސް ހަމަކަށަވަރުން، ތިމަންމެންގެ ލޯތައްވަނީ މަސްތުކުރައްވާފައޭ، އެއުރެން ބުނީސްކަން ކަށަވަރެވެ. އަދި ކިއެއްތަ! ތިމަންމެންނީ ޖާދޫގައި ޖެހިފައިވާ ބަޔެކެވެ.
15|16|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އުޑުގައި بُرج ތަކެއް ލެއްވީމެވެ. އަދި ބަލާ މީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އެ އުޑު ޒީނަތްތެރިކުރެއްވީމެވެ.
15|17|އަދި اللَّه ގެ رحمة ން ބޭރުކުރައްވާފައިވާ ކޮންމެ شيطان އެއްގެ ކިބައިން، ތިމަންރަސްކަލާނގެ އެ އުޑު ރައްކާތެރި ކުރެއްވީމެވެ.
15|18|އެހުމުން ވައްކަންކުޅަ شيطان އަކު މެނުވީއެވެ. ފަހެ، ފާޅުވެގެންވާ ގިނިހިލައެއް އެ شيطان އެއްގެ ފަހަތުން އަންނަހުށްޓެވެ.
15|19|އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ.
15|20|އަދި ތިޔަބައިމީހުންނަށްޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން رزق ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި، ދިރިއުޅުމުގެ وسيلة ތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ.
15|21|އެ އެއްޗެއްގެ خزانة ތައް ތިމަންރަސްކަލާނގެ حضرة ގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ.
15|22|ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) تلقيح ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް خزانة ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ.
15|23|އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)
15|24|އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (جيل ތަކުގެ) މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން، ފަހުން އަންނާނޭ މީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
15|25|އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
15|26|تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.
15|27|އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ.
15|28|ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ.
15|29|ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدم ގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!
15|30|ފަހެ، ملائكة ން އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ.
15|31|إبليس މެނުވީއެވެ. سجدة ކުރި ملائكة ންނާ އެކުގައިވުމަށް إبليس ނުރުހި، އެކަމުން މަނާވެގެންފިއެވެ.
15|32|އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! سجدة ކުރި ملائكة ންނާ އެކުގައި ނުވުމަށް ކަލޭގެއަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟
15|33|އެކަލޭގެ ދެންނެވިއެވެ. تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށިން އިބަރަސްކަލާނގެ ހެއްދެވި އިންސާނަކަށް سجدة ކުރާކަށް ތިމަން ނެތީމެވެ.
15|34|އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެ އެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، رحمة ން ބޭރުކުރައްވާފައެވެ.
15|35|އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެ މައްޗަށް لعنة ހުށްޓެވެ.
15|36|އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށް ދާނދެން ތިމަން އަޅާޔަށް مهلة ދެއްވާނދޭވެ!
15|37|އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ، مهلة ދެއްވާފައިވާ މީހުންގެ ތެރެއިންނެވެ.
15|38|ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ.
15|39|އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.
15|40|އެއުރެންގެ ތެރެއިން، އިބަރަސްކަލާނގެ އަޅުންކުރެ خيار ކުރައްވާފައިވާ މީހުން މެނުވީއެވެ.
15|41|އެކަލާނގެ وحى ކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ حضرة އަށް އޮތް ސީދާވެގެންވާ ތެދުމަގެވެ.
15|42|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް تبع ވާ މީހުން މެނުވީއެވެ.
15|43|އަދި ހަމަކަށަވަރުން، ނަރަކައަކީ، އެ އެންމެންނަށް اللَّه وعد ކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ.
15|44|އެ ނަރަކައަށް ހަތް ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ.
15|45|ހަމަކަށަވަރުން، تقوى ވެރިން ވަނީ ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.
15|46|(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ حال އެތަނަށް ވަންނާށެވެ!
15|47|އަދި ތިމަންރަސްކަލާނގެ، އެއުރެންގެ ހިތްތަކުގައިވާ حسد ވެރިކަން ވަކިކުރެއްވީމެވެ. ދާންތަކެއްގެ މަތީގައި އެކަކު އަނެކަކަށް ކުރިމަތިލައިތިބޭ أخ ންތަކެއްގެ ގޮތުގައެވެ.
15|48|އެއުރެންނަކަށް އެތާނގައި އެއްވެސް ވަރުބަލިކަމެއް ނުޖެހޭނެތެވެ. އަދި އެ ތަނުން ނެރުއްވާނެ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.
15|49|ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!
15|50|އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.
15|51|އަދި إبراهيم ގެފާނުގެ މެހުމާނުންގެ ވާހަކަ، ކަލޭގެފާނު އެބައިމީހުންނަށް ކިޔައިދެއްވާށެވެ!
15|52|އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ވަންހިނދެވެ. އެ ހިނދު އެއުރެން ދެންނެވޫއެވެ. سلام ހުށްޓެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔަބައިމީހުންދެކެ ބިރުގަނެތެވެ.
15|53|އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، علم ވެރި ދަރިކަލަކު، ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންމެން ކަލޭގެފާނަށް ދެމުއެވެ.
15|54|އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މުސްކުޅިވީހިނދު، ތިޔަބައިމީހުން އުފާވެރިކަމުގެ خبر ތިމަންނާއަށް ދެނީހެއްޔެވެ؟ އުފާވެރިކަމުގެ خبر ތިޔަބައިމީހުން ތިޔަދެނީ ފަހެ، ކޮންކަމެއްގެ ވާހަކައިން ހެއްޔެވެ؟
15|55|އެ މެހުމާނުން ދެންނެވޫއެވެ. ތިމަންމެން ކަލޭގެފާނަށް އުފާވެރިކަމުގެ خبر މިދިނީ، حق ތެދުބަހުންނެވެ. ފަހެ، އުންމީދުކަނޑާލާމީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
15|56|އެކަލޭގެފާނު ވިދާޅުވިއެވެ. މަގުފުރެދިގެންވާ މީހުން މެނުވީ، އެ މީހެއްގެ ވެރިރަސްކަލާނގެ رحمة އާމެދު، އުންމީދުކަނޑާލާނީ ފަހެ، ކާކުހެއްޔެވެ؟
15|57|އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނޭވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
15|58|އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ.
15|59|لوط ގެފާނުގެ أهل ވެރިން މެނުވީއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ހުރިހާ އެންމެން ސަލާމަތްކުރާ ހުށީމުއެވެ.
15|60|އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
15|61|އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. ތިމަންމެން މިންވަރު ކޮށްފައިވަނީ، ހަމަކަށަވަރުން، އެކަނބުލޭގެއަކީ، عذاب ގެ ތެރެއަށް ދޫކުރައްވާފައިވާ މީހުންގެ ތެރެއިންވާ މީހެއް ކަމުގައެވެ.
15|62|ފަހެ، ފޮނުއްވާފައިވާ ملائكة ން لوط ގެފާނުގެ أهل ވެރިންގެ ގާތަށް ވަޑައިގަތްހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަކީ، (ތިމަންކަލޭގެފާނަށް) އެނގިގެންނުވާ ބަޔެކެވެ.
15|63|އެބޭކަލުން ދެންނެވޫއެވެ. އަދި ކީއްތޯއެވެ؟ ތިމަންމެން ކަލޭގެފާނުގެ އަރިހަށް މިއައީ، އެއުރެން އެކަމާމެދު شك ކޮށްއުޅުނު ކަންތަކާއިގެންނެވެ.
15|64|އަދި ތިމަންމެން ކަލޭގެފާނުގެ އަރިހަށް އައީ، حق ބަސްފުޅާއިގެންނެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތެދުބުނާބަޔަކުކަން ކަށަވަރެވެ.
15|65|ފަހެ، ކަލޭގެފާނުގެ أهل ވެރިންނާއިގެން ރޭގަނޑުން ބައެއްގައި ކަލޭގެފާނު ދަތުރުކުރައްވައި، ހިންގަވާށެވެ! އަދި ކަލޭގެފާނު އެއުރެންގެ ފަހަތުން ވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުންކުރެ އެކަކުވެސް ފަސްއެނބުރި ނުބަލާށެވެ! އަދި ތިޔަބައިމީހުންނަށް، އަމުރުކުރައްވާފައިވާ ތަނަށް، ތިޔަބައިމީހުންދާށެވެ!
15|66|އެކަލޭގެފާނަށް ތިމަންރަސްކަލާނގެ އެކަންތައް ނިޔާކުރައްވައި އެންގެވީމެވެ. (އެއީ) ހަމަށަވަރުން، އެއުރެންނީ ފަތިސްވެގެންއަންނަ ވަގުތުގައި، މުލުން ކެނޑި ނެތިދާނޭ ބަޔެކެވެ.
15|67|(އަލަށް ބަޔަކު ރަށަށް އައިވާހަކަ އިވި) އުފާކުރާ حال، ރަށުގެ أهل ވެރިން އައޫއެވެ.
15|68|އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، މިބައިމީހުންނަކީ، ތިމަންގެ މެހުމާނުންނެވެ. ފަހެ، ތިޔަބައިމީހުން ތިމަން فضيحة ނުކުރާށެވެ!
15|69|އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަން ދެރަކޮށް ލަދުގަންނަވައި ނުލާށެވެ!
15|70|އެއުރެން ދެންނެވޫއެވެ. (ބޭރު) އެއްވެސްމީހަކާ ބައްދަލުވެ އުޅުއްވުން ތިމަންމެން ކަލޭގެފާނަށް ނަހީނުކުރަމުތޯއެވެ؟
15|71|އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ކަންތައްކުރާ ކަމުގައިވަނީނަމަ، (އެބަހީ: އެދުންފުއްދައިއުޅެން ބޭނުންނަމަ، شرعى ހަމަތަކުން ކާވެނިވުމަށް) ތިމަންގެ އަންހެންދަރިން (އެބަހީ: قوم ގެ އަންހެންދަރިން) މިތިބީއެވެ.
15|72|ކަލޭގެފާނުގެ حياة ޕުޅު ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، އެއުރެންވަނީ، އެއުރެންގެ މަސްތުގެތެރޭގައި، حيران ވެ، ދެފުށުއެޅޭ حال ގައެވެ.
15|73|ފަހެ، އިރުއެރި ވަގުތުގައި ގަދަފަދައަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.
15|74|ފަހެ، ތިމަންރަސްކަލާނގެ އެ ރަށުގެ، މައްޗަށްއޮތްފުށް ވަތަށްއޮތްފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ.
15|75|ހަމަކަށަވަރުން، އެކަންތަކުގައި، ވިސްނައި ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.
15|76|އަދި ހަމަކަށަވަރުން، އެ ރަށްވަނީ ސާބިތުވެ ފެންނަންއޮތް މަގެއްގައިކަން ކަށަވަރެވެ.
15|77|ހަމަކަށަވަރުން، އެކަމުގައި مؤمن ތަކުންނަށް ހެތްކެއްވާކަން ކަށަވަރެވެ.
15|78|އަދި ހަމަކަށަވަރުން، الأيكة ގެ أهل ވެރިން، އަނިޔާވެރި ބަޔަކު ކަމުގައިވީކަން ކަށަވަރެވެ.
15|79|ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން ބަދަލު ހިއްޕެވީމެވެ. އަދި ހަމަކަށަވަރުން، އެ ދެރަށް (އެބަހީ: لوط ބާގައިމީހުންގެ ރަށާއި الأيكة ގެރަށް) ވަނީ ބަޔާންވެ އެނގިގެންވާ މަގެއްގައިކަން ކަށަވަރެވެ.
15|80|ހަމަކަށަވަރުން، حِجْر ގެ أهل ވެރިން (އެބަހީ: ثمود ބާގައިމީހުން) رسول ން ދޮގުކުޅައޫއެވެ.
15|81|އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ހެކިތައް ގެނެސްދެއްވީމެވެ. ފަހެ، އެ ހެކިތަކަށް ފުރަގަސްދޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.
15|82|އަދި އަމާންވެގެން ތިބިކަމަށް (ހީކޮށް) ފަރުބަދަތަކުން ކަނޑައިކޮށައިގެން، ގެތައް ހަދާބަޔަކު ކަމުގައި އެއުރެންވޫއެވެ.
15|83|ފަހެ، ފަތިސްވަގުތު، ގަދަފަދަ އަޑު (އައިސް) އެއުރެން ހަލާކުކުރިއެވެ.
15|84|ފަހެ، އެއުރެން ހޯދައި އުޅުނު عمل ތައް އެއުރެންނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދިނެވެ.
15|85|ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، حق ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، قيامة ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!
15|86|ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
15|87|ހަމަކަށަވަރުން، ތަކުރާރުކޮށްކިޔެވޭ ހަތް آية އާއި، މާތްކަން ބޮޑުވެގެންވާ قرآن، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ.
15|88|އެއުރެންގެތެރެއިން ބަޔަކަށް، ދުނިޔޭގެ އުފަލެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ދެއްވާފައިވާ ކަންތަކަށް ކަލޭގެފާނުގެ ލޯފުޅު ނުފޯރުއްވަވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި مؤمن ންނަށްޓަކައި، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!)
15|89|އަދި ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.
15|90|ބައިބައިކުޅަ މީހުންގެ މައްޗަށް، ތިމަންރަސްކަލާނގެ (عذاب) ބާވައިލެއްވި ފަދައިންނެވެ.
15|91|އެއުރެންނަކީ، قرآن އެއީ، ވަކިވަކިވެގެންވާ ބައިތަކެއްކަމުގައި ހެދި މީހުންނެވެ.
15|92|ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. ތިމަންރަސްކަލާނގެ އެއުރެން އެންމެންނާ سؤال ކުރައްވާ ހުށީމެވެ!
15|93|އެއުރެން ކޮށްއުޅުނު عمل ތަކާ މެދުގައެވެ.
15|94|ފަހެ، ކަލޭގެފާނަށް أمر ކުރައްވާގޮތަށް، ފާޅުގައި دين އަށް ގޮވައިލައްވާށެވެ! އަދި شريك ކުރާ މީހުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!
15|95|ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!
15|96|އެއުރެންނަކީ، اللَّه އާއެކު އެހެން إله އަކުލައި، شريك ކޮށް އުޅުނު މީހުންނެވެ. ނިކަންހުރެ އެއުރެންނަށް އެނގޭހުށްޓެވެ.
15|97|ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.
15|98|ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!
15|99|އަދި ކަލޭގެފާނުގެ އަރިހަށް يقين ވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!

Pages ( 15 of 114 ): « Previous1 ... 1314 15 1617 ... 114Next »