Divehi Quran

67|1|އެކަލާނގެ يدقدرة ފުޅުގައި ވެރިކަންވާ ރަސްކަލާނގެ މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
67|2|އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
67|3|އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرار ކޮށް نظر ހިންގައި ބަލާށެވެ! އެއްވެސްކަހަލަ خلل އެއް ތިބާޔަށް ފެނޭހެއްޔެވެ؟
67|4|ދެންވެސް تكرار ކޮށް ދެފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حال ގައި (ތިބާގެ) نظر އެނބުރި ތިބާގެގާތަށް އަންނަހުށްޓެވެ.
67|5|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބައްތިތަކަކުން އެންމެކައިރި އުޑު زينة ތެރިކުރެއްވީމެވެ. އަދި شيطان ންނާ ދިމާޔަށް އުއްކަވާ ގިނިހިލަތަކެއް ކަމުގައި އެތަކެތި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ شيطان ންނަށް ނަރަކައިގެ عذاب ތައްޔާރުކުރެއްވީމެވެ.
67|6|އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
67|7|އެ ނަރަކައިގެ ތެރެޔަށް އެއުރެން އެއްލައިލައްވާހިނދު، އެ ނަރަކަ ކެކިގަންނަ حال ގައި، އެތެރެޔަށް ދަމައިލާއަޑު އެއުރެންނަށް އިވޭނެތެވެ.
67|8|އެ ނަރަކަ އަންނަރުޅިން ކުދިކުދިވެދާން ކައިރިވެދެއެވެ. (كافر ންގެ) فوج އެއް އެ ނަރަކަޔަށް އެއްލަވާ ކޮންމެފަހަރަކު، އެތާނގެ ބަނޑޭރިން އެއުރެންނާ سؤال ކުރައްވާނެތެވެ. إنذار ކުރައްވާ رسول އަކު ތިޔަބައިމީހުންގެގާތަށް ވަޑައެއް ނުގަންނަވާހެއްޔެވެ؟
67|9|އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. اللَّه، އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.
67|10|އަދި އެއުރެން ބުނާނެތެވެ. ތިމަންމެން އަޑުއަހާކަމުގައިވީނަމަ، ނުވަތަ ވިސްނައި فكر ކުރާކަމުގައިވީނަމަ، ނަރަކައިގެ أهل ވެރިންގެ ތެރެޔަކު ތިމަންމެން ނުވީހެވެ.
67|11|ފަހެ، އެއުރެން، އެއުރެންގެ ފާފަތަކަށް اعتراف ވާނެތެވެ. ފަހެ، ނަރަކައިގެ أهل ވެރިންނަށް رحمة ން ދުރުކުރެއްވުން ހުށްޓެވެ.
67|12|ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ.
67|13|ތިޔަބައިމީހުން ބުނާއެއްޗެއް ސިއްރުކުރާށެވެ! ނުވަތަ އެ ފާޅުކުރާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައި ވާހާކަމެއް، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
67|14|(ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެ (އެތަކެތި) ދެނެވޮޑިގެން ނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
67|15|އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ حضرة އަށެވެ.
67|16|އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެ ކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، އެހާރުން، ބިންގަނޑު ތެޅިފޮޅިގަންނާނެތެވެ.
67|17|ނުވަތަ އުޑުގައިވާ ކަލާނގެ (އެބަހީ: މަތިވެރިވެގެންވާ ރަސްކަލާނގެ) ތިޔަބައިމީހުންގެ މައްޗަށް ހިލައިގެ ވާރޭ ފޮނުއްވައިފާނޭކަމާމެދު (ބިރެއްނެތި) أمان ކަމުގައި ތިޔަބައިމީހުން ތިބީހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ إنذار ކުރެއްވުންވަނީ، ކޮންފަދައަކުންކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
67|18|ހަމަކަށަވަރުން، އެއުރެންގެކުރިން އުޅުނުމީހުންވެސް (رسول ން) ދޮގުކުރޫއެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
67|19|ފިޔަތައް ދަމާލައިގެންނާއި، އަދި ފިޔަތައް ލައްޕާލައިގެން، އެއުރެންގެ މަތީގައި (އުދުހި) އުޅޭ ދޫނިތަކަށް އެއުރެން ނުބަލަނީ ހެއްޔެވެ؟ رحمن ވަންތަ ރަސްކަލާނގެ މެނުވީ، އެތަކެތި (ވެއްޓުނަނުދީ) ނުހިފަހައްޓަވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހުރިހާއެއްޗެއް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
67|20|ނުވަތަ رحمن ވަންތަ ރަސްކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ لشكر އެއް ކަމުގައިވަނީ ކޮންބަޔެއްހެއްޔެވެ؟ ހެއްލުމެއްގެތެރޭގައި މެނުވީ كافر ންނުވެއެވެ.
67|21|ނުވަތަ އެކަލާނގެ رزق ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް رزق ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ كبر ވެރިކަމާއި حق ން އެއްކިބާވުމެއްގައެވެ.
67|22|ފަހެ، ތެދުމަގު ލިބުންބޮޑީ، މޫނުވަތަށް ވެއްޓެމުން ހިނގައިދާ މީހާހެއްޔެވެ؟ ނުވަތަ ސީދާވެގެންވާ ތެދުމަގެއްގައި، ތެދަށް ހިނގައިދާ މީހާ ހެއްޔެވެ؟
67|23|ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުން އުފައްދަވައި، ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް، ލެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ.
67|24|ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ ތިޔަބައިމީހުން ބިމުގައި އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.
67|25|އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކުކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
67|26|ކަލޭގެފާނު ވިދާޅުވާށެވެ! (އެކަން) ދެނެވޮޑިގަތުން ވާކަންކަށަވަރީ، اللَّه ގެ حضرة ގައެވެ. އަދި ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.
67|27|ފަހެ، އެއުރެންނަށް އެ وعد، ކައިރިން ފެނިއްޖެހިނދު، كافر ވިމީހުންގެ މޫނުތަކަށް ހިތާމަވެރިކަން ލިބިގެންދާނެތެވެ. އަދި އަންގަވާނެތެވެ. މިއީ ތިޔަބައިމީހުން އެދިގޮވާކަމުގައިވި ކަންތަކެވެ.
67|28|ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! اللَّه ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުކުރެއްވި ނަމަވެސް، ނުވަތަ ތިމަންމެންނަށް رحمة ލެއްވިނަމަވެސް، ފަހެ، ވޭންދެނިވި عذاب ން، كافر ން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟
67|29|ކަލޭގެފާނު ވިދާޅުވާށެވެ! އެއީ رحمن ވަންތަ ރަސްކަލާނގެއެވެ. ތިމަންމެން އެކަލާނގެއަށް إيمان ވެއްޖައީމުއެވެ. އަދި ހަމައެކަނި އެކަލާނގެއަށް ތިމަންމެން وكيل ކޮށްފީމުއެވެ. ފަހެ، ބަޔާންވެގެންވާ ފުރެދުމެއްގައިވަނީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
67|30|ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން خبر ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟

Pages ( 67 of 114 ): « Previous1 ... 6566 67 6869 ... 114Next »