Divehi Quran

76|1|ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.
76|2|ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.
76|3|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ.
76|4|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ.
76|5|ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، كافور ކަމުގައިވިއެވެ.
76|6|އެއީ اللَّه ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ.
76|7|އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: قيامة ދުވަހަށް) އެއުރެން ބިރުވެތިވެތެވެ.
76|8|އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.
76|9|(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.
76|10|ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ.
76|11|ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ.
76|12|އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ.
76|13|އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ.
76|14|އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ.
76|15|އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ.
76|16|ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.)
76|17|އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ.
76|18|(އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ.
76|19|އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ.
76|20|އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ.
76|21|ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ.
76|22|(އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ.
76|23|ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް قرآن ވަކިވަކިކޮށް ބާވައިލެއްވީމެވެ.
76|24|ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ كافر އަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ!
76|25|އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ!
76|26|އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ!
76|27|ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ.
76|28|ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީމެވެ. އަދި އެއުރެންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެއުރެންފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމަޔަށް އެއުރެން ބަދަލުކުރައްވައިފީމުހެވެ.
76|29|ހަމަކަށަވަރުން، މި قرآن އަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފައިފާހުށިކަމެވެ.
76|30|އަދި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.
76|31|އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب އެކަލާނގެ ތައްޔާރުކުރައްވާފައިވެއެވެ.

Pages ( 76 of 114 ): « Previous1 ... 7475 76 7778 ... 114Next »